މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ބާކީ ހުރި މެޗުތަކަށް ފަސޭހައިން އާންމުންނަށް ޓިކެޓް ލިބޭނެގޮތެއް، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އާ ވާހަކަ ދައްކައިގެން ރާވައިދޭނެ ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ސަސްޕެންޝަންގައި ހުންނެވުމަށް ފަހު މިއަދު މަސައްކަތަށް އަލުން ވަޑައިގެންނެވުމަށްފަހު، މަހްލޫފް ވިދާޅުވީ މިހާރަށް ވުރެ ލުއިފަސޭހަ ގޮތަކަށް އާންމުންނަށް ޓިކެޓް ލިބޭނެގޮތް ރާވައިދޭނެ ކަމަށާއި، އެފްއޭއެމް އާ ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެއާއެކު، މަހްލޫފް ވަނީ އާންމުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

މަހްލޫފް މިހެން ވިދާޅުވިއިރު، މިއަދު ލަންކާ އާއި ރާއްޖެ ކުޅޭ މެޗަށް އިއްޔެ ހެނދުނު 10:00 ގައި ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވަނީސް، ޓިކެޓުތައް ހުސްވެއްޖެ ކަމަށް ބުނެ ކައުންޓަރުތައް ބަންދު ކުރުމުން، އާންމުން ވަނީ ގަލޮޅު ދަނޑު ކައިރީގައި އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ.

އެހެންވެ އާންމުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން، ސްޕޮންސަރުންނާއި ކްލަބުތަކަށް ހާއްސަ 2،500 ޓިކެޓުގެ ތެރެއިން 1،000 ޓިކެޓު އާންމުންނަށް ވިއްކުމަށް އެފްއޭއެމުން ނިންމައި، ރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި މީހަކަށް ޓިކެޓެއް ދޫކުރާ މަގުން ޓިކެޓުތައް ވަނީ ރޭ ވިއްކާފައެވެ.