ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ލަންކާ އާއި ރާއްޖެ ވާދަކުރާ މެޗުގެ ބާކީ 1،000 ޓިކެޓު، ހަތަރު ގަޑިއިރުގެ ތެރޭ ވިކި ހުސްވެއްޖެއެވެ.
އިއްޔެ ހެނދުނު 10:00 ގައި ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވަނީސް، ޓިކެޓުތައް ހުސްވެއްޖެ ކަމަށް ބުނެ ކައުންޓަރުތައް ބަންދު ކުރުމުން، އާންމުން ވަނީ ގަލޮޅު ދަނޑު ކައިރީގައި އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން އެފްއޭއެމުން ބުނީ ލަންކާ ރާއްޖެ މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާއާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކްލަބުތަކަށް ވިއްކުމަން ހަމަޖެހިފައިވާ 2،500 ޓިކެޓުގެ އިތުރުން އާންމުންނަށް ވިއްކުމަން ހަމަޖެހިފައިވާ ޓިކެޓުތައް ވިކި ހުސްވެއްޖެ ކަމަށެވެ.
ނަމަވެސް، އާންމުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން، ސްޕޮންސަރުންނާއި ކްލަބުތަކަށް ހާއްސަ 2،500 ޓިކެޓުގެ ތެރެއިން 1،000 ޓިކެޓު އާންމުންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށާއި، ރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި މީހަކަށް ޓިކެޓެއް ދޫކުރާ މަގުން ޓިކެޓު ވިއްކަމުން ދާނެ ކަމަށްވެސް އެފްއޭއެމުން އޭރު ބުންޏެވެ.
އެއާއެކު ގިނަ ބަޔަކު ވަނީ ޓިކެޓު ވިއްކަން ފެށުމުގެ ފަސް ގަޑިއިރު ކުރިން ސޯޝަލް ސެންޓަރު ކައިރީގައި ކިޔޫ ހަދާފައެވެ. ރޭ 8:00 ޖެހިއިރު ޓިކެޓު ވިއްކަން ފެށިއިރު، ޓިކެޓު ވިއްކައި ނިމުނީ ދަންވަރު 12:30 ވީ ފަހުންނެވެ. އެންމެ ފަހު 15 ޓިކެޓަށް އަދަދުތައް ތިރިވުމުން، ކިޔޫގެ އެންމެ ކުރީގައި ތިބި 15 މީހުން ވަނީ އެތެރެއަށް ވައްދާފައެވެ.
ޓިކެޓު ނުލިބުމުން ބާކީ ތިބި މީހުން ސޯޝަލް ސެންޓަރުން ދިޔަ ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.
މިއަދު ހަވީރު ލަންކާ އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ ހަވީރު 4:00 ޖަހާއިރު، ގަލޮޅު ދަނޑުގައެވެ.