އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އަންހެން ކުދިންނާ، ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން، ގައުމީ ތަރައްގީގައި އަންހެނުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިފަދަ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އާއިލާތަކާއި މުޖުތަމައުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެެ. އަދި މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓަކީ މާދަމާގެ ހަމަހަމަ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.
