ހުޅުމާލެ ފޭސް 1 ގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރުއެވެ. މިކަން ފާހަގަކުރެވިފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށެވެ. އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން އާންމުންނަށް ނުރައްކާވާ ފަދަ ގޮތަކަށް ދުއްވާފައިވާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޓޯކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.