އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިދިޔަ ޖޫން މަހު ސަސްޕެންޑުކުރި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ސަރުކާރުން އުވާލައިފިއެވެ.

އޭނާ މަގާމުން ސަސްޕެންޑު ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިންގާފައިވާ ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ކުރި ތަހުގީގަކަށް ފަހު، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި، އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުންނެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފްގެ ސަސްޕެންޝަން ސަރުކާރުން އުވާލަން ނިންމާފައިވަނީ ހަތަރު މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް، އޭނާގެ މައްޗަށް ޕީޖީ ހުސައިން ޝަމީމް، އެ މައްސަލާގައި ދައުވާ ކޮށްފައި ނުވާތީއެވެ.

މިނިސްޓަރުކަމުން އޭނާ ސަސްޕެންޑު ކުރި ނަމަވެސް، މަހްލޫފަށް އައީ ބަރާބަރަށް މުސާރަ އާއި ބައެއް އެހެނިހެން އިނާޔަތްތައް ލިބެމުންނެވެ.

މަހްލޫފް އަލުން އޮފީހަށް ނުކުންނަވަން އެންގީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުންނެވެ. މަހްލޫފްގެ މައްސަލާގައި ހެކި ހޯދައި ދައުވާ ކުރެވޭތޯ ބެލުމަށް ޕީޖީ ޝަމީމް މަސައްކަތް ކުރެއްވި ނަމަވެސް، އެ މައްސަލައިގެ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާ ކަން ވަނީ ހާމަވެފައެވެ.

މީގެ ކުރިންވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި 2019 ވަނަ އަހަރު މަހްލޫފް ވަނީ ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން އޭނާގެ ސަސްޕެންޝަން އުވާލިއެވެ.