ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދިވެހި ރައްޔިތުންނަށް ވާ ވައުދެއް ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެހެން ވިދާޅުވީ ރޭ ބޭއްވި އެމްއެންޕީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނާޒިމް ވިދާޅުވީ ރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓަާ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއެކު ރަމްޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ގައުމަކަށް ބޯނުލަނބާ ހަމަހަމަ އުސޫލެއް ގެންގުޅޭ ބަޔަކަށް ހެދުމަކީ އެމްއެންޕީގެ ލަނޑުދަނޑިއެއް ކަމަށެވެ.

އަދި ރާއްޖޭގެ ފަސްގަނޑު އިންޗިއެއްހާ މިންވަރުވެސް ބޭރުގެ ބާރުތަކަށް ދިނުމަކީ ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށެވެ.

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން.އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް
މުހައްމަދު ނާޒިމް

ރޭ ބައްދަލުވުމުގައި ނާޒިމް ވަނީ ޕާޓީގެ އަމާޒާ ވައުދުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުންނަށް ތަކުލީފުވާ ގޮތަށް ހަދާފައިވާ ގާނޫނުތަކާ ގަވާއިދުތައް އުވައިލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ހަދާ މާލެ އަށް ތޮއްޖެހުން ކުޑަކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާ ޖީބަށް ލުއިކޮށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާ އަދި ޓޫރިޒަމުން މަންފާ އިތުރުކޮށް އެ ދާއިރާ ފުޅާ ކުރައްވާނެ ކަމަށެވެ.