ރާއްޖޭގައި ހިންގާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯކަރަންސީ ބޭނުންކުރަން ގާނޫނީ ގޮތުން ތަން ނުދޭ ކަމަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިހެން ބުނީ ކްރިޕްޓޯކަރަންސީން ކުރާ މުއާމަލާތްތައް ބަލައިގަންނަ ކަމަށް، ކްރޮސްރޯޑްސްގައި އެސް ހޮޓެލްސް އިން ހިންގާ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނުން އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

2018 ވަނަ އަހަރުވެސް އެމްއެމްއޭ އިން ވަނީ ކްރިޕްޓޯކަރަންސީން ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ރާއްޖޭގައި މަނާކަމަށް އިއުލާނު ކޮށްފައެވެ.

ޑިޖިޓަލް ދުނިޔޭގައި މަޝްހޫރު ކްރިޕްޓޯކަރަންސީން ވިޔަފާރި ކުރަން އެއްވެސް ގައުމަކުން ރަސްމީކޮށް ހުއްދަ ދީފައި ނުވާއިރު، އެލް ސެލްވެޑޯ އިން ވަނީ އެގައުމުގެ ރަސްމީ ފައިސާގެ ގޮތުގައި ކްރިޕްޓޯކަރަންސީގެ ތެރެއިން ބިޓްކޮއިން ބޭނުންކުރަން ނިންމާފައެވެ

އެސް ހޮޓެލްސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުގައި ޑިޖިޓަލް ފައިސާ ބޭނުން ކުރުމުގެ ފައިދާތައް ވަރަށް ގިނަކަމަށާއި އޭގެ ސަބަބުން ބުކިން ހެއްދުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އޮންލައިންކޮށް މުއާމަލާތް ކުރަން ބޭނުންވާ ޒުވާން ޖީލުގެ ޝައުގުވެރިކަން އެ ރިސޯޓުތަަކަށް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

އެ ދެ ރިސޯޓުން މިހާރު ބޭނުން ކުރާނީ ޔޫއެސްޑީ ކޮއިންސް (ޔޫއެސްޑީސީ) އާއި ޓެދާ ޓޯކެންސް (ޔޫއެސްޑީސީ) ކަމަށްވީ ނަމަވެސް މުސްތަގުބަލުގައި އިތުރު ކްރިޕްޓޯ ކަރެންސީތައްވެސް ބަލައިގަންނާނެ ކަމަށްވެސް އެސް ހޮޓެލްސްއިން ވަނީ ބުނެފައެވެ.