މިހާރު ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ހަވީރު އިންޑިއާ ސްރީލަންކާ ވާދަކުރި މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.
ހަމައެކަނި ރާއްޖޭގައި ބާއްވާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާއިން ފުރަތަމަ ކުޅުނު މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ވެސް އެއްވަރުވި އިރު އެމެޗެކޭ އެއްގޮތަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ އިންޑިއާއިންނެވެ.
މިގޮތުން، އިންޑިއާއިން މުޅި މެޗުގައި ސްރީލަންކާގެ ގޯލާ އަމާޒުކޮށް 11 ޝޮޓް ފޮނުވާލި އިރު މީގެ ތެރެއިން ގޯލަށް ނުރައްކާކޮށްފައިވަނީ އެންމެ ޝޮޓެކެވެ.
މުޅި މެޗުގައި އިންޑިއާއިން 450 ޕާސް ފުރިހަމަކޮށްފައިވާ އިރު އެޓީމަށް މިމެޗުގައި 12 ކޯނަރު ލިބުނެވެ. އެހެން ނަމަވެސް އިންޑިއާއަށް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
މުޅި މެޗުގައި ޑިފެންސިވް ކުޅުމެއް ދެއްކި ސްރީލަންކާއަށް މުޅި މެޗުގައި އުފެއްދުނީ އެންމެ ހަމަލާއެކެވެ. އެހެން ނަމަވެސް މި ޝޮޓުވެސް ގޯލާ އަމާޒެއް ނުކުރެވުނެވެ.
މިއީ ސްރީލަންކާ މިމުބާރާތުގައި ކުޅުނު ތިން ވަނަ މެޗަށް ވީ އިރު މިއީ އެޓީމަށް މުބާރާތުގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. ސްރީލަންކާއަށް ދެން ބާކީ އެއް މެޗު އޮތް އިރު މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު މިވަނީ ގެއްލިފައެވެ.
ސަރަހައްދީ ބޮޑު ބާރުގެ ގޮތުގައި ސާފް މުބާރާތްތަކުގައި ވާދަކުރާ އިންޑިއާގެ ފަރާތުން މިމުބާރާތުގައި އަދި މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު އެޓީމު މިހާރު އޮތީ ކުޅުނު ދެ މެޗު އެއްވަރުވުމުން ދެ ޕޮއިންޓް ލިބި ތާވަލުގެ ތިން ވަނައިގައެވެ.
މުބާރާތުގައި އަދި އިންޑިއާއިން ނޭޕާލް އަދި ދިވެހި ރާއްޖެއާ ކުޅެން އޮތް އިރު ލީގު ފޯމެޓަށް ކުޅޭ މިމުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އިންޑިއާއަށް އަދި އެބައޮތެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުރިއަށް އޮތް އިރު ތާވަލުގެ އެންމެ ފަހަތުގައި އޮތް ދިވެހި ރާއްޖޭ މިރޭ ނިކުންނާނީ ތާވަލުގެ ދެވަނައިގައި އޮތް ބަންގްލަދޭޝްއާ ދެކޮޅަށެވެ.