ސާފް ޗެމްޕިއަންޝިޕްގައި މިރޭ ގައުމީ ޓީމާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ކުރިން ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން މިރޭ 9:00 ހާއިރު ރަސްމީ ބޯޅަ ދަނޑު ހުންނަ ހިސާބަށް ޖަމާވެ، މަސްލަހަތު ނަގާލުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޫހަކުން ޖަހާފައި ވަނިކޮށެވެ.

ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައިނުވާ ކަމަށާއި، އެކަމަކު ހިނގާފާނެ ކޮންމެ ހާދިސާއަކަށްވެސް ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ.

ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ޓިކެޓުތައް އިއްޔެ ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ. އިއްޔެ ވިއްކި 5،000 ޓިކެޓުގެ ތެރެއިން ބަންގްލަދޭޝަށް ހާއްސަކޮށް ވިއްކާފައިވަނީ 200 ޓިކެޓެވެ.

މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް އެފްއޭއެމުން ބުނީ ސާފް ޗެމްޕިއަންޝިޕް ހިންގާ ގަވާއިދު އެކުލަވާލާފައިވަނީ ސާކު ސަރަހައްދުގެ ހުރިހާ ގައުމުތައް ހިމެނޭ ގޮތަށް ކަމަށާއި، ޓިކެޓުތައްވެސް ވިއްކާފައިވަނީ އެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މިރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާއިރު، ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. އަދި ލަންކާ އާއި ދެކޮޅަށް ކުޅެ، ބަންގްލަދޭޝް އެ މެޗު 0-1 އިން ކާމިޔާބު ކުރިއިރު، އިންޑިއާ އާ އެއްކޮށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.