ކުރިއަށް އޮތް އަހަރު، ރާއްޖޭގެ އިގުތިސޯދަށް ކުރިއެރުން ލިބި، 2023 ވަނަ އަހަރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގުތިސޯދު ކުރިން ހުރި މިންވަރަށް އިއާދަވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ކޮންމެ އަހަރަކު ދެފަހަރު ނެރޭ ސަރަހައްދީ ރިޕޯޓުގައި ވޯލްޑް ބޭންކުން ބުނީ މިއަހަރު ރާއްޖޭގެ އިގްތިސޯދަށް 22.3 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށާއި، އަންނަ އަހަރު 11 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2023 ގައި ރާއްޖޭގެ އިގްތިސޯދު ކުރީގެ މިންވަރަށް އިއާދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވޯލްޑް ބޭންކުން ބުނީ މި ލަފާކުރުންތައް ބިނާކޮށްފައި ވަނީ އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ބަލައިގެން ކަމަށެވެ. ސަބަބަކީ ބޭރު ގައުމުތަކުން މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އެއްވަރެއްގައި ކުރިއަރައި، ކޮވިޑުގެ ކުރިން އިގްތިސޯދު ހުރި މިންވަރަށް އިއާދަވާނެ ކަމަށް ބެލެވޭތީ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ
ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދިއުމުގެ އިތުރުން، ފަގީރުންގެ ނިސްބަތްވެސް ދައްވާނެ ކަމަށާއި، އެގޮތުން މިއަހަރު ފަގީރުންގެ ނިސްބަތް 9.1 ޕަސެންޓަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 ޕަސެންޓަށް ދައްވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ލަފާ ކުުރެއެވެ.
ވޯލްޑް ބޭންކުން ބުނީ ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޮވިޑް-19ގެ ކާރިޡާގެ ތެރޭގައި ބާރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެއް ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ބުނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގަ އާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. ހަމަ އެއާއެކު، ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންނަށް ވެސް ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރަން ވެސް ޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.