ހުުޅުމާލޭ 7000 ހިޔާ ފްލެޓްގެ ފެން ބިލު ބޮޑުވުމާ ގުޅިގެން އެކަމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިއުއެސްސީން އެދިއްޖެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ 7000 ހައުސިން ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން އެކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އެމްޑަބްލިއުއެސްސީގެ ފަރާތުން ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާ އަދި ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަން ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެން ބިލް ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާޓްމަންޓްތަކުންނާ ގޭގެ ފެން ވައަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށެވެ.
ވީމާ، ހުރިހާ ކަސްޓަމަރުން ވެސް އެޕާޓްމެންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެލުމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.
އެގޮތުން، ފްލެޓްގެ ވޭލްވްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކުރުމަށްފަހު، އަމިއްލައަށް މީޓަރު އެނބުރޭތޯ ބަލާ، ފެންލީކެއް އުޅޭކަން ޔަގީން ކުރުމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައް ވެސް ބަންދުކޮށް ބަހައްޓާ، އެކަމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސް ކުރެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ ފްލެޓްގެ ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް އެކަން ކުންފުނީގެ ކޯލްސެންޓަރަށް ހުށައެޅުމަށް އެދިފައެވެ.
އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާ އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.