އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ރާއްޖެއަށް ލިބިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތު ފުރިހަމަވުމުގެ ސަބަބުން ކަމަށް، އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިއަދު ރައީސް އާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ޖޮއިންޓް ޕްރެސްގައި ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރައީސްކަން އޭނާއަށް ލިބިވަޑައިގަތީ ރައީސް ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމުގެ ސަބަބުން ކަމަށާއި، އަދި އެކަމުގެ ހުރިހާ ޝުކުރެއް ރައީސަށް ހައްގު ކަމަށެވެ.
އަދި އާންމު މަޖިލީހުގައި ޝާހިދު ގެންގުޅުއްވާ އުންމީދީ ރިޔާސަތުގެ ފަސް ދޯދީގެ ތަސައްވުރަކީ ރާއްޖެ ކަމަށާއި، އޭނާގެ ހުރިހާ މަސައްކަތެއްވެސް ބައްޓަން ކޮށްފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކުރިއަރުވައި، އދ. އަށް އެދެވޭ ބަދަލުތައް ގެނައުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސްގެ ދައުވަތަކަށް ޝާހިދު ކުރެއްވި ރަސްމީ ދަތުރުގައި ދެބޭފުޅުންވެސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭން އިސްކަންދޭ ދާއިރާތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމާއި، ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމުތަކެއް ހިމެނޭހެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އަދި ޝާހިދަށް ލިބިފައިވާ ފުރުސަތު ރަނގަޅު ގޮތުގައި ބޭނުން ކުރުމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.