ގައުމަށް ލިބޭ ބޭރު ފައިސާ ނުވަތަ ޑޮލަރު، ސަރުކާރުގެ އިސްރާފާއި "ޗާލާކީ" ކަންކަމަށް ހޭދަކުރުމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މިހާރު ޑޮލަރު ތާށިވެގެން މިއުޅެނީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭކާރު ކަންކަމަށް ހޭދަކުރަމުންދާތީ ކަމަށެވެ. އެގޮތުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އޭނާ ސުވާލު އުފެއްދެވީ އެ މަޝްރޫއަށް މިހާރުވެސް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަޅައިފި ކަމަށާއި އޭގެ ބޭނުމަކީ ކޮބައިތޯއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެތަނަށް މިހާރުވެސް 350 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑުބައެއް ވަކި ބައެއްގެ ޖީބުތަކަށް ވަންނަމުންދާ ކަމަށްވެސް ޝާހިދު ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، އަބަދުވެސް ރަނގަޅު އާމްދަނީއެއް ހޯދަމުން އައި އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ފަޅުތައް ހިއްކަން ހަވާލުކުރަމުންދާ މައްސަލައަށްވެސް ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއޭސީއެލް އަކީ ބޭރު ފައިސާ ހޯދާ އަދި ކޮންމެ ސަރުކާރެއްގައިވެސް މައްސަލައެއް ނެތި ހިނގަމުން އައި ކުންފުންޏެއް ކަމަށާއި، ނަމަވެސް މަތިންދާބޯޓު ދުއްވުމުގެ ބަދަލުގައި އެ ކުންފުންޏާ ފަރުތައް ހިއްކަން ހަވާލުކޮށް، ކުންފުންޏަށް ލިބޭ ޑޮލަރު އެ މަސައްކަތްތަކަށް ދޭން ފެށުމުން ޑޮލަރު ހުސްވާން ފަށާފައިވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ސަރުކާރުން އަލަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ފާހަގަކުރެއްވީ، ރިސޯޓުތައް ހިންގާ ފަރާތްތަކަކީ ބޮޑެތި ރިސްކުތައް ނަގައިގެން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާ ބައެއް ކަމަށެވެ. އަދި އެ ފަރާތްތަކުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ބިމު ކުލި ވެސް ސަރުކާރަށް ދައްކަނީ ޑޮލަރުން ކަމަށާއި، ތެލުގެ ހަރަދާއި، ލޯނުތަކާއި މުވައްޒަފުންގެ މުސާރަވެސް ދޭންޖެހެނީ ޑޮލަރުން ކަމަށް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ޑޮލަރު މާރުކުރަންޖެހޭ އަދަދު 10 ޕަސެންޓުން ފެށިގެން 40 ޕަސެންޓަށް ބޮޑުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ރިސޯޓުތަކުގެ އާމްދަނީ އެގޮތަށް މާރުކުރުމަށްފަހު، އެފަރާތްތަކުން ބޭރަށް ދައްކަންޖެހޭ ލޯނުތައް ދައްކަން އެމްއެމްއޭއިން ޑޮލަރު ނުދެވޭނަމަ ދެން އެ ލޯނުތައް ދައްކާނީ ކިހިނެއްތޯ ވިދާޅުވެ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
