އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުރި އަހުމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރި ޕޯސްޓެއްގައެވެ.
އެގޮތުން އަހުމަހު އަބްދުﷲ ވިދާޅުވީ އޭނާ މި މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާތީ ޝާހިދުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވުމަށް ކަމަށެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންނަކީ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބައެއް ކަމަށާއި، އެ މަގާމުތަކުގައި ތިބެގެން ވަކި ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދިނުމަކީ ކޮށްގެންވާނެކަމެއް ކަމަށް ގަބޫލުނުކުރާކަމަށެވެ.
އެމްޑީޕީގެ އޮނިގަނޑު ރޭވިފައިވާ ގޮތުން، ޕާޓީގެ ލީޑަރޝިޕްގައި ހިމެނެނީ ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންނެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.
