ސާފް ޗެމްޕިއަންޝިޕް ހިންގާ ގަވާއިދު އެކުލަވާލާފައިވަނީ ސާކު ސަރަހައްދުގެ ހުރިހާ ގައުމުތައް ހިމެނޭ ގޮތަށް ކަމަށް، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމުން ބުނީ ސާފް ޗެމްޕިއަންޝިޕްގައި ކުރިއަށް އޮތް ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗަށް ޓިކެޓު ވިއްކާފައިވަނީ ހުރިހާ ގައުމުތަކެއްވެސް މަޝްވަރާކޮށް، އެއްބަސްވެގެން އެކުލަވާލި ގަވާއިދުގެ މަތިން ކަމަށާއި، އެގޮތުން އެ މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 200 ޓިކެޓުތައް ވިކި، ހުސްވެއްޖެ ކަމަށެވެ.

މީގެ އިތުރުން، އެ އިދާރާއިން ބުނީ ކަޅު ބާޒާރުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް 1،500ރ. އާއި 2،000ރ. އާ ދެމެދުގެ އަގަކަށް ޓިކެޓުތައް ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، ދިވެހިންނަށް ވިއްކާ ޓިކެޓުގައި ބިދޭސީންނަށް ދަނޑަށް ނުވަދެވޭ ގޮތަށް، އަދި ބިދޭސީންނަށް ވިއްކާ ޓިކެޓުގައި ރާއްޖޭގެ އާންމުންނަށް ނުވަދެވޭ ގޮތަށް އުސޫލެއް އެކުލަވާލީ ކަމަށް، އެފްއޭއެމުން ބުންޏެވެ. މިއީ އެ އިދާރާއިން ހިތްވަރުދޭ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އަދި މެޗުތައް ބަލަން ކޮންމެ ފަރާތަކަށްވެސް ހާއްސަ ޖާގަތަކެއް ކަނޑައަޅާފައިވާއިރު، ވޯކް ޕާމިޓާއި އެކު ބަންގްލަދޭޝްގެ އާންމުންނަށް ވަދެވޭ ގޮތް ހެދީ ދެ ޓީމުގެ ސަޕޯޓަރުން އެއްވެތިބެ މެޗުތައް ބަލަން ޖެހިއްޖެ ނަމަ، އެކަމުގެ ސަބަބުން ދިމާވާނެ ސަލާމަތީ ސަބަބުތަށް ކުރީބައިގައި ހުއްޓުވުމުގެ ބޭނުމުގައި ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމް އިން ބުނީ ހުރިހާ ފަރާތްތަކަކަށްވެސް މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި، އަވޭ ޓިމުގެ ސަޕޯޓަރުންނަށްވެސް ޓިކެޓުތައް ވިއްކަމުންދަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.