ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިޔާ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް އަދި ނުލިބެއެވެ.

ހިޔާ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނިތައް އުކާލަން އެޗްޑީސީން ވަނީ 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައެވެ.

އެޗްޑީސީން ވަނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާ އަދި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން އެޓަވަރަކާ އެންމެ ކައިރީގައިވާ ޑަސްޓްބިން އަށް ކުނި އެޅުމަށް އެދިފައެވެ.

ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކުވެސް ހެންދުނު 8:00 އިން މެންދުރު 12:00 އަށްކަމަށް ވާތީ، ގަޑިއަށް ސަމާލުކަންދީ، ވަގުތުގެ ކުރިން ޑަސްބިންއަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.