ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކަނި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ނޭޕާލްއާ ސްރީލަންކާ ވާދަކުރި ފޯރިގަދަ މެޗު 3-2 އަކުން ނޭޕާލް ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗުގައި ރާއްޖޭ ބަލިކުރި ނޭޕާލް މިރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އިރު މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ.

ނޭޕާލްގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރަނީ/ ފޮޓޯ: އިމޭޖަސްއެމްވީ

މިލަނޑު ނޭޕާލްއަށް ކާމިޔާބުކޮށް ދިނީ ސުމަން ލާމާއެވެ. މެޗުގެ ފުރަތަމަ ހާފް 1-0 އަކުން ނޭޕާލް ކުރީގައި އޮވެގެން ނިމުނު އިރު މެޗުގައި ދެން ވެސް ލަނޑު ޖެހީ އެޓީމުންނެވެ. މިލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފްގެ ކުރީކޮޅުއެވެ.

0-2 އަކުން ނޭޕާލް ކުރީގައި އޮއްވާ ލަންކާއިން ވަނީ މެޗުގެ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ ލައިންގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މާވިން ހަމިލްޓަން އޮމެލޭ އެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެއް/ ފޮޓޯ: އިމޭޖަސް އެމްވީ

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ލަންކާ ހިފިތަނުން ދެން ވެސް ފެނުނީ ނޭޕާލްގެ ލަނޑެކެވެ. މިލަނޑާއެކު ސްކޯ 3-1 އަކަށް ނޭޕާލްއިން ހެދިއެވެ.

މިހާ ހިސާބުން ވެސް މެޗު ނިމުނީއެއް ނޫނެވެ. މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ލަންކާ ވަނީ ސްކޯގެ ފަރަގު 3-2 އަކަށް ކުޑަކޮށްފައެވެ. އެހެން ނަމަވެސް އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ވަގުތެއް ސްރީލަންކާ ޓީމަކަށް ނުލިބުނެވެ.

މި ނަތީޖާއާއެކު ސްރީލަންކާ މިވަނީ މުބާރާތުގައި ކުޅުނު ދެމެޗުން ބަލިވެ ތާވަލުގެ އެންމެ ފުލުގައެވެ.

ބަދަލުގައި މިރޭގެ މޮޅާއެކު ނޭޕާލް މިވަނީ ކުޅުނު ތިން މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.