ދަރިޔަކު ލިބުމަކީ މި ދުނިޔެމަތިން މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަން ޔަގީނެވެ. ހަމަ މިފަދައިން، އެ ދަރިފުޅު ކުއްލި މަރެއްގައި މި ދުނިޔެއާ ވަކިވެ، މުޅި ހަޔާތް ބަނަވެގެން ދާ އެތައް މަޔަކާއި ބަފައެއްވެސް އުޅޭނެއެވެ. ހިތާމައަކީ، ކަންކަން މެދުވެރި ވަނީ، ބައެއްގެ އިހުމާލުން ކަމުގައި ވުމެވެ. މިއީ، މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް މަދުން ނަމަވެސް ފެންނަ ހިތްދަތި މަންޒަރެކެވެ.

އިއްޔެ ގިނަ ބަޔަކު ރޮއްވާލާ، ދުނިޔެ ދޫކުރި ނޫރީފެހި، ފުނާޑު/ ޏ.ފުވައްމުލަކު ސަދާ ސައުދުﷲ އަހުމަދު ހަސަން، (6 އ)، ގެ މަރުގެ ހަބަރާއެކު ސިހުން ލިބުނު އެތަށް ބަޔަކު ތިބޭނެއެވެ. މި ކަމުގެ ފަހަތުގައި ވަނީ ކޮން އިހުމާލެއްތޯ ހޯދާ ބަލަން ބޭނުންވާނެ ފަރާތްތަކެއްވެސް ވާނޭކަން ހަމަގައިމެވެ.

ސަދާއަކީ ފުވައްމުލަކު ސިޓީގެ، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ޔޫކޭޖީގައި ތައުލީމު ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. ސްކޫލުގެ މާހައުލުގައި އަދި އަބަދުވެސް އެންމެންނާވެސް ގުޅޭ މަޖާ، ހިތްހޮޔޮ ކުއްޖެއްގެ ގޮތުގައި އާއިލާއިން ސަދާ ސިފަކުރާއިރު އޭނާ އަކީ ދެމަފިރިއަކަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ކުޑަކުޑަ އާއިލާގައި ދެން ހުންނަނީ ފިރިހެން ކުއްޖެކެވެ. ސަދާގެ ބޭބެއެވެ.

ސަދާ ސައުދުﷲ އަހުމަދު ހަސަން އޭނާގެ ބޭބެ ސާދު ސައުދުﷲ އަހުމަދު ހަސަންނާއިއެކު

ލިޔެލާ އަކުރުތަކަކުން ބަޔާންކޮށް ދޭންވެސް ދަތި ހާލެއްގައި ހުރެމެ، "ދަ ޕްރެސް" އަށް ސަދާގެ މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ބުނީ، އިއްޔެ ހަވީރު ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލުން އިންޖެކްޝަނެއް ދިން ކަމަށާ، އޭގެ ފަހުން، ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދޭން ތިބި ފަރާތްތަކުން، ސަދާގެ ގަޔަށް އިންޖެކްޝަން ޖެހީ، އެ މައުސޫމު ކުއްޖާގެ އެލާޖިކްގެ މައުލޫމާތުވެސް ސާފު ނުކޮށް ކަމަށް ބައްޕަ ވަނީ ބުނެފައެވެ. ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރެއްގެ މަތިން، ސީޕީއާރް ވެސް ވަނީ ދީފައެވެ.

ސަދާ ހޮސްޕިޓަލަށް ގެންދިޔައީ ކީއްވެ؟

ދުނިޔެއަށް ފުރަތަމަ ނޭވާލީ ދުވަހުން ފެށިގެންވެސް ސަދާއަކީ، ބަލި ކުއްޖެއް ނޫން ކަމަށް އާއިލާއިން ބުނެއެވެ. އެހެން ނަމަވެސް ބައެއް އެއްޗެއްސަށް އެލާޖިކްވާ ކަމަށާއި ވާރުތަވެގެން އަންނަ ސިއްހީ ހާލަތެއް ކަމަށް ވާ ޖީ6ޕީޑީ ހުންނަ ކުއްޖެއް ކަމަށް އާއިލާއިން ބުނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޖަނާޒާއެއްގައި ސަދާ ބައިވެރިވި ކަމަށާއި އެނބުރި ގެއަށް އައިސް މިދިޔަ ހުކުރު ދުވަހު ހޮޑުލާތީ ފުލޫ ކްލިނިކަށް ދިޔަކަމަށް އޭނާގެ ބައްޕަ ވަނީ ކިޔައިދީފައެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ބޭސްދީ ގެއަށް ފޮނުވާލީ ކަމަށާ، ހޮނިހިރު ދުވަހުވެސް ރަނގަޅު ނަތީޖާއެއް ނުފެނުމުން އިއްޔެ ހޮސްޕިޓަލަށް ދިޔައީ ކަމަށް ސައުދުﷲ ބުންޏެވެ.

އިއްޔެ ހޮސްޕިޓަލަށް ދިއުމުން، ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު ހޮޑުލާތީ ސަދާއަށް އިންޖެކްޝަނެއް ވަނީ ޖަހާފައެވެ. އެއަށްފަހު ކޮވިޑް ޓެސްޓު ހެދިކަމަށާ، އެހެންނަމަވެސް ނަތީޖާ ނެގެޓިވް ކަމަށް ސައުދު ވަނީ ބުނެފައެވެ. އަދި ސަދާގެ ބަނޑުގައި ރިއްސާތީ ސްކޭން ތަކެއްވެސް އެ ހޮސްޕިޓަލުން ވަނީ ހަދާފައެވެ. ނަމަވެސް އެ ރިޕޯޓުތަކުން އެއްވެސް މައްސަލައެއް ފެނިފާ ނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

ސަދާ ސައުދުﷲ އަހުމަދު ހަސަން

މީގެ ކުރިން 2018 ވަނަ އަހަރުވެސް ސަދާއަށް ވަނީ މިފަދަ ކަމެއް ދިމާވެފައެވެ. އެ ފަހަރު، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ކުރިއަށް ގެންދިޔަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ ފަހަރު އެ ހާލަތު ދިމާވީ ނުގުޅޭ ފްލޭވާއެއްގެ ޕެކެޓެއް ބޮވުމުން ކަމަށް ސަދާގެ ބައްޕަ ވަނީ ބުނެފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވެސް އައިޖީއެމްއެޗްގެ އެ ޑޮކްޓަރަށް މި މައުލޫމާތު ހިއްސާކުރި ކަމަށާ، ފުވައްމުލަކު ހޮސްޕިޓަލުން ދީފައިވާ ބޭސް ކުރިއަށް ގެންދިއުމަށް އިރުޝާދުދިން ކަމަށް ސައުދު ވަނީ ބުނެފައެވެ.

ފުވައްމުލަކުން މާލެ ދަތުރުކުރާ ފްލައިޓެއް އޮންނަނީ ދުވާލަކު އެއްފަހަރެވެ. އާންމު ޝެޑިއުލުން ފްލައިޓް އުދުއްސާލަނީ، ހަވީރު 4 ޖަހާއިރެވެ. އާއިލާއިން ވަނީ ސަދާ މާލެ ގެނެވޭތޯ، އިއްޔެވެސް މަސައްކަތް ކޮށްފައެވެ.

ސަދާގެ އާއިލާއިން ދަނީ އޭނާގެ މަރާ ގުޅިގެން ތުހުމަތުތައް ކުރަމުންނެވެ. އޭނާގެ ގަޔަށް ޖެހި އިންޖެކްޝަން އަކީ "ނުބައި" އިންޖެކްޝަނެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އާއިލާގެ މި ތުހުމަތުތަކާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވީ އެ މައްސަލަ ހެލްތް މިނިސްޓްރީއިން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ޑޮކްޓަރާއި ނަރުހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ސަދާ ނިޔާވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުތަކެއް އޮތް ކަމަށް ބުނެ ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ރޭ ބަޔަކު ޖަމާވެ މުޒާހަރާ ވެސް ވަނީ ކޮށްފައެވެ. ފުވައްމުލަކު ސިޓީ ހޮސްޕިޓަލަކީ، ފަރުވާ ކުޑަވުމުގެ އިހުމާލުގެ ސަބަބުން، މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގާފައި ވާ ހޮސްޕިޓަލެކެވެ. އެގޮތުން މިދިޔަ ރޯދަމަހު އެ ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ހާލު ގޯސްވި މައްސަލަ ފެންމަތިވިއެވެ. އެ މީހާ ސިޒޭރިއަން ހެދިފަހުން ދޭތެރެއަކުން ބަނޑުގައި ރިއްސާތީ ޑޮކްޓަރަކަށް ދެއްކުމުން މައްސަލައެއް ނެތްކަމުން ބުނަމުން އައިކަމަށާއި އެހެންނަމަވެސް މާލެ އައިސް ޑޮކްޓަރަށް ދައްކާ އޮޕަރޭޝަން ކުރިއިރު ބަނޑުން ގޯޒް ބެންޑޭޖް ނަގާފައިވާ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، މަގާމުން އެކަހެރިވެސް ކުރިއެވެ.