ރޭ ފުވައްމުލައް ސިޓީގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ފޮނުވާލައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލަ އެއް ރޭ 20:54ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަަމށެވެ.

މި މާރާމާރީގައި 18 އަހަރުގެ ދިވެހި ފިރިހަނަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ އޭނާ ލިބިފައިވާ އަނިޔާތަކުގެ ތެރެއިން ބޭރު ފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނައަތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި މިހާރު އޭނާ އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމާރާމާރީ ހިނގަން މެދުވެރި ސަބަބެއް، އަދި މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މާރާމާރީ ހިންގާފައިވަނީ ފުނާޑު އަވަށުގެ ޒުވާނަކު ހޯދަނޑު އަވަށަށް ގެންގޮސްގެންނެވެ.