ރޭ ދަންވަރު ސައިކަލު އެކްސިޑެންޓެއް ހިނގައި ފުވައްމުލަކުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
އެއީ ރޭގެ ދަންވަރު 2:40 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އެ ވަގުތު ސައިކަލުގައި އިތުރު މީހަކު ނުވަތަ ކުއްޖަކު އިންކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން އިތުރަށް ބުނީ، 17 އަހަރުގެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 3:38 ހާއިރު ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ އިރު، ރޭގެ އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ފުވައްމުލަކުގެ މި އެކްސިޑެންޓުގައި ރޭ ކުޑަކުއްޖަކު ނިޔާވި އިރު، ދާދި ފަހުން މާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ވެސް މި އުމުރުފުރައިގެ ކުއްޖަކު މަރުވި ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު (16އ.) އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ، ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލ ކައިރީގައެވެ. އާންމުވި ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި، އެ މަގުގެ ދެކޮޅަށް ވެހިކަލް ދުއްވަމުން ދިޔަ ވަގުތު، އެކްސިޑެންޓްވި ސައިކަލު ދުއްވާފައި ވަނީ އިރުން ހުޅަނގަށް ބާރު ސްޕިޑްގައެވެ. އެ ވަގުތު ބަސް ޓާމިނަލް ކުރިމަތިން އޮންނަ ކަފިހި ހުރަސް މަތިން ހުރަސް ކުރަން ދިމާކޮށްލި މީހާ، ސައިކަލުން ނައްޓާލަން ތަންކޮޅެއް ބާރަށް ދުއްވައިގެން ވަގުތު ސައިކަލުވެސް މަސައްކަތް ކޮށްފައި ވަނީ ދުއްވައިގެން މީހާގެ ގައިން ނައްޓާލުމަށެވެ.
އޭރު ހުޅަނގުން އިރަށް ދާ ޕިކަޕެއް އެމީހުނާ އަރާ ހަމަވަމުން ދިޔަ އިރު ނައްޓާލަން މަސައްކަތް ކުރި ސައިކަލު، ދުވަމުން ދިޔަ މީހާގެ ގައިގައި ޖެހި ކޮންޓްރޯލް ނުވެގޮސް ޕިކަޕިގެ ކުރީކޮޅުގައި ޖެހި ޕިކަޕުގެ ދަށަށް ކަހަލަ ގޮތަކަށް ވަދެއެވެ.
މިހާދިސާގައި ދުވަމުން ދިޔަ މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބި އައިޖީއެމްއެޗްގެ ވެންޓިލޭޓާރުގައި ފަރުވާދީފައި ވެއެވެ. އަދި ސައިކަލުގައި އިން އިތުރު ކުއްޖަކަށް ވެސް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ.