މިހާރު ކުރިއަށްދާ ސާފު ޗެމްޕިއަންޝިޕް މުބާރާތުގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު އިންޑިއާއާ ބަންގްލަދޭޝް ވާދަކުރި އިރު 1-1 އަކުން މި މެޗު އެއްވަރުވެއްޖެއެވެ.
ލީގު ފޯމެޓަށް ކުޅޭ މިމުބާރާތުގައި އިންޑިއާއިން ފުރަތަމަ ކުޅުނު މިމެޗުގައި ލަނޑު ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. މެޗުގެ 26 ވަނަ މިނެޓްގައި އިންޑިއާއަށް މިލަނޑު ކާމިޔާބުކޮށް ދިނީ އެޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތްރީއެވެ.
ފުރަތަމަ ހާފް އިންޑިއާ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކުރިއެވެ. އަދި އިންޑިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދިއެވެ.
އެހެން ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ބިޝްވަނަންތް ކުރި ފައުލަކަށް މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކި ހިސާބުން މެޗުގެ ކުޅުމުގެ އޮއިވަރު އިންޑިއާގެ ކޮޅަށް އެނބުރުނެވެ.
އެހިސާބުން ބަންގްލަދޭޝްގެ ދަނޑުގައި ތިބި 10 ކުޅުންތެރިންނަށް އެހީވީ ދަނޑަށް ވަދެ ތިބި ސަޕޯޓަރުންނެވެ. މިމެޗު ބެލުމަށް ބަންގްލަދޭޝްގެ ގިނަ ބަޔަކު ގަލޮޅު ދަނޑުގައި ތިބި އިރު ބަންގްލަދޭޝްގެ ކުޅުންތެރިންނަށް އަޑުގަދަކޮށް ހިތްވަރު ދެމުން ދިޔައެވެ.
ނަތީޖާއަކަށް ވީ މެޗުގެ 74 ވަނަ މިނެޓްގައި ބަންގްލަދޭޝްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އެޓިމަށް ލިބުނު ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔާސިން އަރަފާތެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި މެޗުން މޮޅުވާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުން މޮޅުވެ ލިބުނު ޕޮއިންޓާއެކު ބަންގްލަދޭޝް މިވަނީ ތާވަލުގެ 1 ވަނަ އަށް ޖެހިލާފައެވެ. އެއީ ދެ މެޗު ކުޅެ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ 4 ޕޮއިންޓް ލިބިގެންނެވެ.
މިއަދު ލިބުނު ޕޮއިންޓާއެކު އިންޑިއާ އޮތީ ތާވަލުގެ ތިން ވަނައިގައެވެ.