ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެގްރީމެންޓްގައި ސޮއިކުރެއްވީ ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދުއެވެ.
އެ ހަފުލާގައި ދެ ކުންފުނީގެ އިސް ފަރާތްތަކުން ބައިވެރިވެފައި ވާއިރު ދިރާގުން ބުނީ އެގްރީމެންޓުގައި ސޮއި ކުރުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ހޯދި އެންމެ ފުރަތަމަ ކަސްޓަމަރާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުމުން ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީޔާ ފްލެޓް ސަރަހައްދުގައި މިއަދު 06:00 ވާން ދެން ހަރަކާތްތެރި ވަމުން ދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މާދަމައިން ފެށިގެން މިމަހު 10ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 03:30 އިން 06:30 އަށް ހަރަކާތްތެރި ވަމުން ދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެޗްޑީސީ އާ ގުޅިގެން ހުޅުމާލެ ފޭސް 2ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް ކަމަށެވެ.
ދިރާގުން ބުނީ ދިރާގާ އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، އެ ދެކުންފުނިން ވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމައުތައް ބިނާ ކޮށް ތަރައްގީ ކުރުން ކަމަށެވެ.
އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޙިހިދުމަތް ދޭންފެށި ކުންފުނިތަކާއެކު ދިރާގުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށާ އަދި މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ހިދުމަތައްތައް ފޯރުކޮށްމުންދާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސާވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ހިދުމަތް އެއް ފައިބާ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.
ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތައްތަކެއް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.