ސާފް ޗެމްޕިއަންޝިޕް 2021 ވަނަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްއާ ވާދަކޮށް 1-0 އަކުން ބަލިވެއްޖެއެވެ.

ހަމައެކަނި ރާއްޖޭގައި ބާއްވާ ފުރަތަމަ ސާފް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗަށް ރާއްޖެއިން ނިކުތީ ވަރުގަދަ 11 އަކާއެކުއެވެ. ފޯވަޑް އަލީ އަޝްފާޤް އަދި ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިން ވެސް ފެނިގެން ދިޔައެވެ.

މުބާރާތުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗު ބައްލަވާލެވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވެސް ދަނޑުގައި އިންނެވި އިރު ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދިވެހިންނަށް ލިބުނެވެ.

ރާއްޖޭގެ މެޗު ބެއްލެވުމަށް ރައީސް ސޯލިހް ދަނޑަށް ވަަޑައިގެން/ ފޮޓޯ: ރައީސް އޮފީސް

ހާއްސަކޮށް ދިވެހި އެޓޭކްގެ ވާތް ފަރާތުން ނުރައްކާތެރި ހަމަލާތެއް އުފެއްދި އިރު އަޝްފާގަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

ފުރަތަމަ ހާފްގައި ނޭޕާލްއަށް ވެސް ނުރައްކާތެރި ފުރުސަތުތައް ލިބުނު އިރު ފުރަތަމަ 45 މިނެޓް ނިމިގެން ދިޔައީ 0-0 އަކުން މެޗު އެއްވަރުވެގެން އޮވެއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި އަޝްފާގަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު/ ފޮޓޯ: ޓުވިޓާ

ދެވަނަ ހާފްގެ ފުރަތަމަ ކޮޅު ރަނގަޅު ކުޅުމެއް ދެއްކީ ނޭޕާލުންނެވެ. ހާއްސަކޮށް އެޓީމުގެ ކަނާތް ފަރާތުން ނުރައްކާތެރި ހަމަލާތައް އުފެއްދި އިރު ދިވެހި ޓީމުގެ ފަރާތުން މޮޅު ދިފާއީ ކުޅުންތައް ފެނުނެވެ.

މެޗުގައި ދެން ފެނުނީ ރާއްޖެއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިތަނެވެ. އެހެން ނަމަވެސް މެޗުގެ 80 މިނެޓަށް ދިޔަ އިރު ވެސް ސްކޯ 0-0 ގައި އޮތުމުން ދެޓީމުގެ ކޯޗުން ވެސް ވަނީ ޓީމަށް ބަދަލުތައް ގެނެސްފައެވެ.

ނޭޕާލްއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގީ ޓީމަށް ބަދަލު ގެނައި ތަނާހެންނެވެ. އެޓިމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ނޭޕާލްއަށް ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 86 ވަނަ މިނެޓްގައި މާނިޝް ޑަންގީއެވެ.