"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާ ފަސްކުރުމަށް ފަހު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެ ކޯލިޝަނުން މި ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާ ވަނީ ފަސްކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ މީ ޕީޕީއެމުން އިސްނަގައިގެން ހިންގާ ގައުމީ ހަރަކާތެއް ކަމަށެވެ. އަދި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި މާތްވެގެންވާ އިސްލާމްދީންގެ ހިދާޔަތު އޮތުމަށް ތާއިދުކުރާ ސިޔާސީ ހުރިހާ ފަރާތްތަކަށާއި އާންމުންނަށްވެސް ދައުވަތު އަރުވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާއުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ކައުންސިލަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ ރާއްޖޭގެ މުހިންމު ރަށްތައް ވިއްކާލާ، ގޮތް ނޭނގޭ އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މި ހަރަކާތަށް އާންމުންގެ ފަރާތުން ތަރުހީބު ލިބޭ ކަމަށާއި، އަދި މަދަނީ ޖަމުއްޔާތަކުން މި ހަރަކާތްތައް ޝައުގެވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 8:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯގޯޯ ތައްގަނޑު ޖެހުމުގެ އިންތިޒާމް ކާނިވާ ސަރަހައްދިގައި ކުރިއަށްދާނެއެވެ.