ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އދ ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހުއެވެ. މި ތަގުރީރުގައި އދ ގެ ރިޔާސަތާ މުހާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ތަގްރީރުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށް އަލިއަޅުވާލައްވާ ވިދާޅުވީ މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ހަކަތައާއި، އިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަމަށެވެ.

ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިހްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފައެވެ.

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރު ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަފުޅު ދައްކަވަނީ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އދގެ މައި އިދާރާގައި ބޭއްވި އދގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓާ އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ހަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެއޯސިސްގެ ލީޑާސް ސަމިޓް 2021ގަ އާއި، ޑާބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ހަފްލާ އާއި، ޓްރާންސްފޯމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ --- ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ރައީސް ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ސޯލިހު އދގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ.