ރާއްޖޭގެ ދެކުނުގެ ސްކޫލެއްގައި ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ކޮލަމާފުށީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނީ އެ ރަށު ސްކޫލްގައި ކިޔަވައިދެމުންދާ އިންޑިއާގެ ޓީޗަރަކަށެވެ. އަދި ޖިންސީ ގޯނާ ލިބުނީ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ދަ ޕްރެސް" އަށް ވިދާޅުވީ މި މައްސަލަ ދިމާވާން މެދުވެރިވީ އެ ދަރިވަރުގެ ހަށިގަނޑުގައި ޓީޗަރަކު އަތްލިކަމަށް ބުނެ، އެ ދަރިވަރު މައްސަލަ ހުށަހެޅުމުން ކަމަށެވެ.

މިނިސްޓްރީއަށް އެކަމުގެ މައުލޫމާތު ލިބުމާއެކު، މައްސަލަ އިތުރަށް ބެލުމަށްޓަކައި އެ ޓީޗަރު ވަނީ 30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފައި ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ދެކުނުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަހްގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.