ކޮލަމާފުށި "ރާސްތާ" އިއްޔެ ބޭނި މަހުގެ އަގަށް ލިބުނު 127،433 ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފިއެވެ.

30 މީހުން މަސައްކަތް ރާސްތާ ދޯންޏަށް އިއްޔެ ބޭނި 7 ޓަނާއި 249 ކިލޯގެ މަހުގެ އަގަށްވީ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ފޮނުވުމަށް ހަވާލުކޮށްފައި ވަނީ ކޮލަމާފުށި ކައުންސިލަށެވެ.

ކޮލަމާފުށި ކައުންސިލްގެ ފަރާތުން އެ ފައިސާއާ ހަވާލުވެ ވަަޑައިގަތް ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު އެ ފައިސާ އައިއޭސީއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ކައުންސިލުން އިސްނަގައިގެން ވެސް އެ ރަށުގައި ފަންޑް ރައިޒިން އިވެންޓްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން އެ އިވެންޓުތަކުން 23،000 ހާހަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވެސް ފައިސާ ލިބިފައިވާ ކަމަށާއި އެއީ ސީދާ ކިހާ އަދަދެއްގެ ފައިސާކަން ދަންނަވަން މިވަގުތު އެނގުނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް ގެންދެވުނު ހަރަކާތްތަކުން ލިބިފައިވާ ފައިސާ އެންމެ ލަސްވެގެން އަންނަ ހަފްތާ ތެރޭގައި ފަލަސްތީނަށް އެހީ ފޮރުކޮށްދޭ ފަރާތްތަކަށް ހަވާލު ކުރައްވާނެ ކަމަށެވެ.

އިޒްރޭލުން ފަަލަސްތީނަށް ހަމަލާ ދެމުން އަންނަތާ 2 ހަފްތާވުމަށް ގާތްވެފައިވާ އިރު، ފަލަސްތީނުގެ 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ތިިން ބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ފަލްސްތީންގެ އެންޖީއޯއެއް ކަމަށް ވާ ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް - ފަލަސްތީން (ޑީސީއައިޕީ) ބުނިގޮތުގައި، އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން އެއް ކުއްޖަކު ޝަހީދު ވެއެވެ.