ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފިއެވެ.

ކޮލަމާފުށި ކައުންސިލަށް އެ އަތޮޅު ހުރެންދޫ ދީފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދުގައިވާ ގޮތުން ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތަކާ އެކު ކައުންސިލަކާ ހަވާލުކުރުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ.

އެއާއެކު އެ އުސޫލުގެ ދަށުން ކޮލަމާފުށި ކައުންސިލާއި ހުރެންދޫ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ ރަށް ކޮލަމާފުށި ކައުންސިލާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ވަނީ އިއްޔެ ސޮއި ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.

ކޮލަމާފުށީ ކުރިމަތީގައި އޮންނަ ހުރެންދޫއަށް ސްޕީޑް ބޯޓެއްގައި 5 ވަރަކަށް މިނަޓުން ދެވޭއިރު އެ ރަށް މީގެ ކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އެ ރަށުގެ ބޮޑު މިނުގައި 3 ހެކްޓަރު ހުރެއެވެ.

މީގެ ކުރިންވެސް ޕްލޭނިންގް މިނިސްޓްރީން ފަޅުރަށް ކައުންސިލްތަކާ ހަވާލުކޮށްފައި ވެއެވެ. އެގޮތުން ދާދިފަހުން ވަނީ ރ. މަޑުއްވަރި ކައުންސިލާ އެ އަތޮޅުގައި އެކުލެވޭ ފަޅުރަށެއްކަމުގައިވާ އުފުލަންދު ވެސް ހަވާލުކޮށްފައެވެ. ކުރިން ރިސޯޓެއް ހަދަން އުޅުނު އެ ރަށް މަޑުއްވަރީ ކައުންސިލާ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.