ގއ. ކޮލަމާފުށި ފަޅު ތެރޭގައި ކުރިއަށް ގެންދަން ވައުދުވެވަޑައިގެންނެވި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހައްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އެމަނިކުފާނު މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް ކެމްޕެއިން ތެރޭގައި ވެސް ހިއްސާކުރި ކަމަށާއި އެކަމާ ގުޅޭގޮތުން އެމަނިކުފާނު ވައުދުފުޅުތަކެއްވެފައިވާނެ ކަމަށެވެ. އަދި ވައުދުވި ކަންތައްތައް ފުއްދަދެއްވާނެ ކަމަށާއި އެ ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިއުމަށް ވައުދުވި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހައްދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއާ އެކީ ސިޓީ ހޮޓެލެއް އެޅިގެންދާނެ ކަމަށާއި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލްގައި ކުރިއަށް ގެންދަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް އިންވެސްޓަރުން ގެނެސް އެކަން އަމަލީ ގޮތުން ފެށިގެންދާތަން ފެނިގެންދާނެ ކަމަށެވެ. އަދި ސުކޫލުގެ ހާލަތު އެންމެ ބޮޑު އެއް ކަންތައް ކަމަށާއި ސްކޫލުގެ ޖާގަ ނެތުން ކަމަށާއި ކްލާސް ރޫމްތަކާއި މަލްޓިޕާޕަސް ހޯލާއި މުޅި ސްކޫލް އޮތީ ތަރައްގީ ކުރަން ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ

ހަމައެއާއެކު ހެލްތް ސެންޓަރުގެ ފެންވަރު ދަށް ކަމަށާއި ނަމެއްގައި 24 ގަޑިއިރު ހިދުމަތް ދިނަސް ހަގީގީ ހިދުމަތް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތް ވާހަކައާއި ކަރަންޓުގެ ހާލަތު ދަށް ވާހަކަވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިފަހަރުގެ ބަޖެޓަކީ މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫން ކަމަށާއި ސަރުކާރުން ހުށަހެޅި ކަންކަމެއް މުޅިއަކުންނެއް ނެތް ކަމަށެވެ. އަދި މިދިޔަ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން ބަޖެޓު ހުށަހެޅިއިރު މި ސަރުކާރަށް ލިބުނީ ޓްރާންސިޝަން މަރުހަލާގެ ތެރޭގައި އެއަށް ބަދަލުތަކެއް ގެންނަން 10 ވަރަކަށް ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި ހިމަނާފައި ވަނީ އެ ބޭފުޅުން ބޭނުންވި ކަންތައްތައް އެކަނި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބާރު މި ސަރުކާރުގެ އަދި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެ ބާރު ދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބާރު އޮތް ޕާޓީގެ ފަރާތުން ބަޖެޓު ހަދައިދީފައި ވަނީ ސަރުކާރުން ބޭނުންވި ގޮތަށް ނޫން ކަމަށާއި އެހެންކަމުން އެ ބަޖެޓުގެ ތެރެއިން ޖާގަ ލިބިފަ އޮތް މިންވަރަކުން މި އަހަރު ތެރޭގަ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކަހަލަ އިންވެސްޓަރުން ގެނެސްގެން ޑިވެލޮޕަރުން ގެނެސްގެން ކުރަން ހުރި ކަންކަން ކުރަން ވިސްނަވާ ކަމަށާއި އެއީ އިގްތިސޯދު މިއަދު އޮތް ހާލަތު ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޮތީ ބިން ހިއްކުން ކަމަށާއި ބިން ހިއްކުމަށް ބަޖެޓުގަ ހަމަ ނަމަކަށް ހިމަނާލާފައޭ ވެސް ދެންނެވިދާނެ ކަމަށެވެ. ހިމަނާފައި އޮތީ ވަރަށް ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ކަމަށެވެ. އަދި ބަޖެޓުގައި މި ހުންނަ މި ކަހަލަ މުހިންމު ހައްސާސް މަޝްރޫއުތަކަށް އެއްވެސް ވިސްނުމެއް ނެތި ބަޖެޓު ފާސްކޮށްފައިވާ ކަމަށާއި އެހެންވިޔަސް އާމްދަނީގެ ތެރެއިން ލިބޭ ފައިސާ ތަރުތީބުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މިކަހަލަ މުހިންމު މަޝްރޫއުތަކަށް ޖާގަ ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަށަށް އެންމެ މުހިންމު، ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.