ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސުކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސުކޫލުގައި 8,637 އަކަފޫޓުގެ 2 ފަންގިފިލާ ހިމެނޭ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މި މަސައްކަތް ނިމުމާއެކު މި ސުކޫލުގެ މެނޭޖްމެންޓުގެ އިތުރުން ދަރިވަރުންނަށާއި މުދައްރިސުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން މި ފަދަ މަޝްރުއުތައް އަވަހަށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިފަދަ މަޝްރޫއުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ވާނެ ފަދަ މަސައްކަތްތަކެއް ކޮށްދިނުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީން ވަނީ ފާއިތުވި 44 އަހަރު ތެރޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.