ކުޑަކުދިންނަކީ މާދަމާ މިގައުމުގެ ހުންގާނުގައި ހިފައި ގައުމުގެ މިސްރާބު ތަރައްގީއާ ދިމާއަށް ގެންދިއުމަށް އެ ނަވަށް އަރަން ތިބި ކުދިންނެވެ. އެ ކުދިންނަކީ ލޯތްބާއި އޯގާތެރިކަމާއެކު ބަލައި ބޮޑުކޮށްފި ނަމަ ކާމިޔާބު ބަޔަކަށް ވެގެން ދާނެއެވެ. އެކުދިން މުޖުތަމައަށް ބޭނުންތެރި، އަދި މުޖުތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުންވެސް މީހުންނާ ކުރާ މުއާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް އެކުދިންނަށް ރީތި ނަމޫނާ ދައްކައިގެނެއެވެ. ބޭނުންވަނީ ލޯތްބާއި، އަޅާލުމާއި ރައްކާތެރިކަމެވެ. އަދި އެކުދިން ހެޔޮ މަގަށް އެޅުވުމަށް ބާރުއަޅާނެ ޒިންމާދާރު މީހުންނެވެ. ނަމަވެސް މިއަދު އެކަމަށް މިގައުމު ފެއިލްވަމުން ދާކަން ހާމަވެގެން ދަނީ އެކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ދިއުމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި

މަސްތުވާތަކެތީގެ ވަބާއަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އާންމުވަމުން އަންނަ ނުރައްކާތެރި ވަބާއަކަށް ވާއިރު މިފަދަ މައްސަލަތަކުގައި ކުދަކުދިން ވެސް ޝާމިލުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އުމުރުން އެންމެ 8 އަހަރުން ފެށިގެން ރާއްޖޭގައި ކުޑަކުދިން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ހެލްތު މިނިސްޓްރީން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަކަން ފާހަގަކޮށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ހިމެނޭ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ، ބައެއް ފަހަރު އުމުރުން އެންމެ 8 އަހަރުގެ ކުދިން މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައްވެސް ފެންމަތިވެފައި އެބަހުރި ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި، އޭގެ އިސް ފަރާތްތަކުން ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ.

އެންމެ ގިނައިން ގާނޫނީ ވަކީލުންގެ އެހީ ދިނީ ކުޑަކުދިންނަށް

މީގެ އިތުރުންވެސް ތަފާތު އެކިއެކި މައްސަލަތަކުގައި އެކުދިން ޝާމިލުވަމުން ދާއިރު މި އަހަރުގެ މިހާތަނަށް ދައުލަތުން އެންމެ ގިނައިން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީވެސް ކުޑަކުދިންނަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކުގައި 40 ކުދިންނަށް ތުހުމަތު ކުރެވިފައި ވެއެވެ. އަދި މާރާމާރީ ހިންގައި، މީހަކަށް އަނިޔާއެއް ދިނުމުގެ ތުހުމަތު 12 ކުއްޖަކަށް ކުރި އިރު ވައްކަން ކުރުމާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ތުހުމަތު 8 ކުއްޖަކަށް ވަނީ ކޮށްފައެވެ.

ހަމަ މިއާއެކު މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު 4 ކުއްޖަކަށް ކޮށްފައި ވާއިރު ތިން ކުއްޖަކަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކުރިއެވެ. އަދި 3 ކުއްޖަކަށް މީހުން މެރުމުގެ ބޮޑެތި ތުހުމަތު ވަނީ ކޮށްފައެވެ. މީގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އިންޒާރު ދިނުމުގެ ތުހުމަތު 2 ކުއްޖަކަށް ކޮށްފައި ވާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކުގައި 2 ކުއްޖަކަށް ވަނީ ތުހުމަތު ކޮށްފައެވެ.

ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރަނީ ކީއް؟

ކުޑަކުދިންނާ ގުޅޭ އެކިއެކި މައްސަލަތަށް ފެންމަތިވަމުން އަންނައިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ވަނީ ބުނެފައެވެ. އަދި މިފަދަ މައްސަލަތަކާ ގުޅިގެން ކުދިންގެ އާއިލާ އަށް ބޭނުންވާ ނަފްސާނީ، އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ސާވިސްގެ އިޖްތިމާއީ ހިދުމަތްތެރިން ހަރަކާތްތެރި ވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ހާމަނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ / ފޮޓޯ: މަޖިލިސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފަށާފައި ވީ ނަމަވެސް ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާ ފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ހޮވިވަޑައިގެން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ހައްލު ނުވެގެން އުޅެނީ ކީއްވެ؟

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. މިގޮތުން މައްސަލަ ރިޕޯޓުކުރުމާއި އަދި ކުދިންނާއި ގުޅުންހުރި މައުލޫމާތުތައް އެކުދިންގެ ކަރާމާތް ގެއްލޭ ގޮތަށް ބޭނުން ނުކުރުމަށް އިސްކަންދިނުން މުހިއްމެވެ.

ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމަކީ ކުދިންގެ އިތުރުން އެކުދިން ވަށައިގެންވާ އެންމެހާ ފަރާތްތަކުން އެކުއެކީ މަސައްކަތް ކުރަންޖެހޭ ކަމެކެވެ. އަދި ކުދިން ރައްކާތެރި ކުރުމުގައި އެންމެ އިސް ދައުރެއް ބެލެނިވެރިން އަދާކުރަމުން ދާއިރު އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެކެވެ.

މި ހުރިހާ ކަމެއް މިހެން ހުރެމެ، އަދަދުތައް މައްޗަށް ދަނީ ކީއްވެތޯ ސުވާލު ކުރާނަމަ، ޖަވާބަކީ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ކަމާ ގުޅޭ ހުރިހާ ފަރާތަކުން ދައްކަނީ ހުސް ވާހަކަ ކަމަށް ވުމެވެ. ގްރޭޑް 1 އިން ފެށިގެން 10 އާ ދެމެދުގެ ކުދިންނަށް، ސްކޫލު މާހައުލުގައި ކިޔަވައިދޭ އެއްޗެއްގެ ބޭރުން، ދަސްކޮށްދޭ ހުނަރެއް ނެތެވެ. ދޭ ތަރުބިއްޔަތެއް ނެތެވެ. ސްކޫލުގެ މާހައުލުން ނުކުތުމާއެކު ކުދިންނަށް އެކްސެސް އޮންނަ ސްކްރީންތަކާއި ގޭމްތަކާއި އެހެނިހެން އިޖުތިމާއީ ވަސީލަތްތަކުގައި ކޮންޓްރޯލެއް ނެތެވެ. ގޭތެރޭގައި އެންމެން މަސްހުނިކޮށް އުޅެން ޖެހިފައި ވުމުން ދަސްވާ ކަންކަމަކީ ވައިރަހެއް ފަދަ އެއްޗަކަށް ވާއިރު، އެކަމަށް ހޯދުނު ހައްލެއްވެސް ނެތެވެ.

ރިހެބިލިޓޭޓް ސެންޓަރުތައް ފުރި ފަރުވާ ދެވޭނެ ގޮތް ނެތުމުގެ އިތުރުން ރަތްލައި ޖެހި މުޖުރިމުން ކޯޓުތެރެއިން ދޫވެގެން މުޖުތަމައަށް ނުކުންނަ އިރު ދައުލަތުން ސިޔާސީ ކަންކަމަށް އިންވެސްޓް ކުރުން މަޑު ޖައްސާލައިފައި މާދަމާގެ ޖީލު ބިނާ ކުރަން އިންވެސްޓް ކޮށްގެން ނޫނީ ހައްލެއް ނެތެވެ.