މާލޭ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މޮނިޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން ރޭގައި ކުރިއަށް ދިޔަ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިގޮތަށް ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް ވަނީ ގޮވާލާފައެވެ.

ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އާއި، ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތަކުން ވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރު ކަމާއެކު މި ހައްގުތައް ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން ކުރަމުންގެންދާ މުޒާހަރާގައި އެއްވުމުގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލާފައިވާ ކަން ވެސް މޮނިޓާ ކުރުމުގެ ތެރެއިން ވަނީ ފާހަގަވެފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މި ކުރިމަތިލުންތަކުގައި، މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަވި ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް، މާލެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމާއި އެ ސަރަހައްދުތަކަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ. މުޒާހަރާ ކުރުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭ ގޮތެއްގެ މަތިން މުޒާހަރާތައް އިންތިޒާމް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މުޒާހަރާ ކުރުމުގައި ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭ ގޮތަށް އަމަލު ކުރުމަށާއި މުޒާހަރާގައި ހަރަކާތްތެރިވާ މީޑިއާތަކުން ވެސް މުޒާހަރާތައް ކަވަރު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދީ އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސުލްހަވެރި ކަމާއެކީ އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ހައްގަކަށް ވީހިނދު، އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށް ދިނުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް އެފުރުސަތު ދިނުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށް އެޗްއާރްސިއެމް އިން ބުނެއެވެ. މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.