ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް އުތުރުތިލަފަޅުގައި ގާއިމްކުރާ "ހޯޕް އައިލެންޑް" ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިރުލާނުގައި ބުނީ، އެ މަރުކަޒު ތަރައްގީ ކުރަނީ 700 ކުދިންނަށް ދިރިއުޅެވޭ ގޮތަށް އުތުރުތިލަފަޅުގައި 15 ހެކްޓަރުގެ ބިމެއްގައި ކަމަށެވެ. މި މަޝްރޫއުއާ ހަވާލުވާ ފަރާތުން މި މަޝްރޫއު ނިންމަން ޖެހޭނެ ތާރީހަކީ 2027 ވަނަ އަހަރުގެ އޮކްތޯބަރު މަސް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ކުޑަކުދިން ދިރިއުޅޭ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެތަނުގައި އަޅަން ވަނީ ނިންމާފައެވެ. އާއިލާއާ ބައްދުލުކުރަން ހާއްސަ ތަނަކާއި، މެޑިކަލް ފެސިލިޓީއަކާއި ކުދިން ބަންދުކޮށްފައި ބައިތިއްބާ ތަންތަނާއި އެތަނުގެ މުވައްޒަފުން ތިބޭނެ ތަނެއް ވެސް ހޯޕް އައިލެންޑް ގައި އަޅަން ވަނީ ނިންމާފައެވެ.
މީގެ ކުރިން ހޯޕް އައިލެންޑް ދ. ވާނީގައި ތަރައްގީ ކުރަން ނިންމާފައި އޮތް ނަމަވެސް އެ ރަށުގައި އެތަން ތަރައްގީކޮށްފި ނަމަ ހަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ މާލެ ކައިރި ތަނަކަށް ބަދަލު ކުރުމަށް ހޯޕް އައިލެންޑް ވަނީ އުތުރުތިލަފަލަށް ބަދަލުކޮށްފައެވެ. ހޯޕް އައިލެންޑް ތަރައްގީ ކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށް ފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ހިންގާ ގޮތަށެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިން އުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ހިދުމަތުން ކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދެވޭނެއެވެ.