ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ އިތުރު ދެ ވެރިއަކަށް ދައުވާކުރަން ޕީޖީއަށް މިއަދު ފޮނުވައިފިއެވެ.

ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރި ތަހުގީހުން އެނގޭތީ ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައިސީޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެހުރި އިސްމާއީލް ޝަމްއޫން އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރި އަހްމަދު ނަޖާހްގެ މައްޗަށެވެ.

މިއީ ފެނަކައިން ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ބިލިން ސޮފްޓްވެޔައެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހާވާލުކުރިނަމަވެސް، އެ ހިދުމަތް އަދި މިހާތަނަށް ފެނަކައަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލައެވެ.

ބިލިން ސޮފްޓްވެއާ ހޯދުމުގެ ޕްރޮޖެކްޓްގެ ކޮލިޓީ ކޮންޓްރޯލާ އަކީ އެ ކުންފުނީގެ އައިސީޓީ ޑިޕާޓެމެންޓެވެ.

އެ ބިލިން ސޮފްޓްވެއަގެ މަސައްކަތް ޝުވެކުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ނިންމުމަށާއި، އެ ސޮފްޓްވެއަ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަ ނިންމާފައިނުވާކަމާއި، އަދި ފެނަކަގައި އެ ސޮފްޓްވެއަ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަހްގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި ބިލިންގ ސޮފްޓްވެއަރއަށް ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ޝުވެކްއިން ފުރިހަމަކުރަންޖެހޭކަމަށް އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު، ވޭރިއޭޝަންގެ ގޮތުގައި އެ ބަދަލުތައް ގެނައުމަށް ފެނަކަގެ ފަރާތުން ހުއްދަ ދިންކަމަށް ބަޔާންކޮށް، އެ ބަދަލުތައް ގެނައުމަށް ހުއްދަދިން ލިޔުމުގައި ޝަމްއޫން އާއި ނަޖާހް ސޮއިކޮށްފައިވާކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި އެ ބިލިން ސޮފްޓްވެއަގެ މަސައްކަތް ޝުވެކުން ނިންމާފައި ނުވަނީސް، އެ މަސައްކަތް ހައެއް ނޮވެމްބަރު 2017 ގައި ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކުން ފެނަކައަށް ހުށަހަޅާފައިވާ ސިޓީގައި ޝަމްއޫން އަދި ނަޖާހު ވެސް ސޮއިކޮށްފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

ނަމަވެސް އެ ކުންފުނިން އެ ސޮފްޓްވެއަރގެ މަސައްކަތް ނިންމާފައި ނުވިނަމަވެސް އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، ޝަމްއޫން އަދި ނަޖާހް ސޮއިކޮށްފައިވާ ހުއްދައަށް ރިއާޔަތްކޮށްގެންކަން ތަހްގީގުން އެނގޭތީ، މިކަންކަމުގެ ސަބަބުން ޝުވެކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަހުގީގުން އެނގޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޝަމްއޫން އާއި ނަޖާހްގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށެވެ.

ފެނަކައިގެ ކުރީގެ އިސް ވެރިއަކަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ މިދިޔަ ހަފްތާގައި ވެސް ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އެއީ، ފެނަކަ އިން 2018 ގައި ކުއްޔަށް ނެގި ދޯންޏެއްގެ މައްސަލައިގައި އެ ކުންފުނީގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ވެރިޔަކަށް އޭރު ހުރި މަރިޔަމް ދީނާ ސޯލިހުގެ މައްޗަށެވެ.