"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ނަަމަކީ ސިޔާސީ ޕާޓީއެއް އުފައްދަން ކަމުދާ ނަމަކަށް ނުވާ ކަމަށް ބުނެ އެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނީ މި ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އެ ކޮމިޝަނަށް ހުށަހެޅީ މ. ކެލަމް، މުހައްމަދު އިސްމާއިލް ކަމަށެވެ. އަދި އެ ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ ހުއްދަ ނުދިނުމަށް ނިންމި ސަބަބަކީ، ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫންކަމަށެވެ.

ދާދި ފަހުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ.

މީގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން "ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ވެސް ދާދި ފަހުން ވަނީ ޕާޓީއެއް އުފައްދަވާފައެވެ.