ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފާ ހުރި ފްލެޓްތަކުގެ ކޮރިޑޯތަކުގައި ހަރުކޮށްފައި ހުރި ލައިޓްތައް ބަދަލުކުރަން އެޗްޑީސީން ނިންމައިފިއެވެ.

ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގައި ވޮއިސް ޑިޓެކްޓެޑް ލައިޓު ހަރުކޮށްފައިވާއިރު އެލައިޓްތައް ދިއްލޭނީ އެތަނަށް ވަންނަ މީހުން ބާރަށް އަޑެއް ލައްވާލުމުންނެވެ.

އަޑެއް ނުލައްވާ ނަމަ މުޅި ފްލެޓްގެ އެތެރެ އޮންނަނީ އެއްކޮށް އަނދިރިކޮށެވެ. އެކަމާ ގުޅިގެން ފްލެތްތަކުގައި އުޅޭ މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެކަމާ ގުޅިގެން ލައިޓް ސިސްޓަމަށް ބަދަލު ގެނައުމަށް އެޗްޑީސީން ނިންމާފައިވާއިރު އެ މަސައްކަތް އަންނަ ހަފްތާ ތެރޭ ފަށާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ލައިޓްތަކަށް ބަދަލު ގެނައުމާއެކު ޓަވަރުތަކުގެ އެތެރެ ހަވީރު 6 އިން ހެނދުނު 6 އަށް ދިއްލިފާ ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ލައިތްތަކުގެ މައްސަލަތައް ފެންމަތިވެފައިވާއިރު ހިޔާ ފްލެޓްތަކުން ވައްކަން ކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެތަނުގައި ވެސް އަދި ފްލެޓް ސަރަހައްދުގައިވެސް ކެމެރާއެއް ނުހުރެއެވެ.

ފްލެޓްގެ އިންޓީރިއާ މަސައްކަތް ހިނގާ އިރު އެޗްޑީސީން ކަނޑައަޅާފައި ތިބޭ މުވައްޒަފުން ގިނަ ވަގުތު ފްލެޓްތަކުގެ ސަހަރައްދުގައި އުޅުނު ނަމަވެސް އެތަންތަނަށް ގެންދާ އެއްޗެއްސާއި ތަކެއްޗާއި މީހުންގެ ހަރަކާތްތައް ރެކޯޑްކޮށް ބެލޭނެ އިންތިޒާމެއް ނެތެވެ. އަދި އެ ޓަވަރުތަކުގައި ސެކުރިޓީ ކަންކަން އިންތިޒާމް ކޮށްފައެއްވެސް ނެތެވެ.