މޯލްޑިވްސް ސިވިލްސާވަންޓްސް އެސޯސިއޭޝަން އަކީ 2009 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށްގެން ހިނގާ ތަނެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނަށް ރައްދުދީ މޯލްޑިވްސް ސިވިލްސާވަންޓްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލްސާވަންޓްސް އެސޯސިއޭޝަން ގެ ނަމުގައި ހިންގާ ހަރަކާތްތެރިވަމުންދާ ފޭސްބުކް ޕޭޖަކީވެސް އެޖަމްއިއްޔާއިން ހިންގާ ޕޭޖެއްކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސިވިލް ސާވަންޓުންގެ ހައްގުގައި އެ ޖަމުއްޔާއިން ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށެވެ.
އެ އެސޯސިއޭޝަނުން އިސްނަގައިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ކަޅު ހެދުމުގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އަދި އިއްޔެ ވަނީ ވަރަށް ގިނަ މުއައްޒަފުން ވަޒީފާއަށްވެސް ނުނިކުމެއެވެ.
ސީއެސްސީ އިން އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނަކީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި ބައެއް ކަން ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުން އަމަލު ނުކުރުމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރަން ސީއެސްސީން ވަނީ އެދިފައެވެ.