ސަރުކާރުގެ މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު ދެ ފަހަރު ތިރީސް މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭގޮތަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ މަހު ކުރީކޮޅު ސަރުކާރުގެ ފަރާތުން، ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އެވެ. މިދިޔަ ހަފްތާގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ވަނީ ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެސް އެ ބިލުގެ މަސައްކަތް ނިންމާފައެވެ.
އެ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު ގެނައި އިސްލާހުގައިވާ ގޮތުން އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހުގައި، ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ދިނުމަށް ވަނީ ހިމަނާފައެވެ. އެއީ، މުސާރައިން ނުކެނޑޭ ގޮތަށް، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ކުއްޖާއަށް އަަހަރެއް ވަންދެން ލިބޭނެ ކަމަށެވެ.
