އެއްވެސް އިމްތިހާނަކާ ނުލާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝްގެ ނަން އިތުރު ކޮށްފިއެވެ.

އެ ލިސްޓަށް ބަންގްލަދޭޝްގެ ނަން އިތުރުކޮށް، އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން މިހާރު 26 ގައުމެއްގެ ރައްޔިތުންނަށް އިމްތިހާނަކާއި ނުލާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ލިސްޓަށް އިސްލާހު ގެނައީ އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެ މިނިސްޓްރީ ގަބޫލުކުރާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ސައްހަ ލައިސަންސް އޮތް މީހުންނަށް ދާއިމީ ލައިސަންސް ދިނުމަށް އެ މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެހެންކަމުން އެ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ސައްހަ ލައިސެންސެއް އޮތް ފަރާތްތަކަށް އެއްވެސް އިމްތިހާނަކާ ނުލާ ލައިސަންސް ދޫކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އިމްތިހާނަކާ ނުލާ ލައިސަންސް ދޫކުރާ ގައުމުތައް

  • އިންޑިއާ
  • ސްރީލަންކާ
  • ނޭޕާލް
  • ޕާކިސްތާން
  • އަފްޣާނިސްތާން
  • ބޫޓާން
  • ބުރުނާއީ
  • ކެމްބޯޑިއާ
  • އިންޑޮނީޝިއާ
  • މެލޭޝިއާ
  • ލާއޯސް
  • ފިލިޕީންސް
  • ސިންގަޕޫރު
  • ތައިލޭންޑު
  • މިއަންމާ
  • ވިއެޓްނާމް
  • ޖަޕާން
  • އިނގިރޭސިވިލާތް
  • އެމެރިކާ
  • ޗައިނާ
  • ޔޫއޭއީ
  • ސްވިޓްޒަލޭންޑް
  • ސައޫދީ އަރަބިއްޔާ
  • ބެލްޖިއަމް
  • ޖަރުމަނުވިލާތް
  • ބަންގްލަދޭޝް

އެ ގާނޫނުގައިވާ ގޮތުން ލައިސަންސާއި ގުޅޭ ކަންތައްތައް 250ރ. ގެ ފީއެއް ނަގާނެއެވެ. އަދި ލައިސަންސްގެ ސައްހަކަން ކަށަވަރު ކުރާނީ އޮންލައިން ކޮށް، ނަމަވެސް އެ ލައިސަންސެއްގެ ސައްހަކަން ކަށަވަރު ނުކުރެވޭ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމެއްގެ އެމްބަސީގެ ލިއުމެއް ހުށަހަޅަން ޖެހޭނެއެވެ.