ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް ތާޒާކުރުމަށް ފުލުހުން ހިންގާ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

ބުދަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ދެމިގެންދާ މި ޕްރޮގްރާމަކީ، ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ ފަރާތްތަކަށާއި ޓެކްސީގެ ހިދުމަތުގައި މަސައްކަތް ކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޕޮލިހުން ރާވާ ހިންގާ ޕޮރޮގްރާމެކެވެ.

ފުލުހުން ބުނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ އަދަބުތަކުގެ އިތުރުން، ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލު ކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި، އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ޓެކްސީ ހިދުމަތާ އަލަށް ގުޅޭ 212 މީހުންނާއި އަދި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 90 މީހަކު ބައިވެރިވެފައި ވެއެވެ. ފުލުހުން އިތުރަށް ބުނީ، މި ތަމްރީން ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.