އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ވަގު ލައިސަންސް ނުހެއްދޭނެ ކަމަށް، އެ މިނިސްޓްރީން ބުނެފިއެވެ.

ގަވައިދުގައިވާ ގޮތުން އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ލައިސަންސް ލިބޭނީ ތިއަރީ ޓެސްޓާއި، ޕްރެކްޓިކަލް ޓެސްޓުން (ދުއްވުމުން) ފާސްވެ، ފާސްވިކަމުގެ ލިޔުމެއް ލިބުމުންނެވެ. ތިން މަސްދުވަސް ވަންދެން ވަގުތީ ލައިސަންސެއް ގެންގުޅެން ޖެހޭއިރު، އޭގެ ފަހުން ދާއިމީ ލައިސަންސަކަށް ބަދަލުކުރަން ޖެހޭނެއެވެ.

ނަމަވެސް ސޯޝަލް މީޑިއާ ޓެލެގްރާމްގައި ހިންގާ ބައެއް ޗެނަލްތަކުގައި އިޝްތިހާރު ކޮށްފައިވާ ގޮތުން، ޓެސްޓު ހެދުމެއް ނެތި އެކި އަގުތަކުގައި ލައިސަންސް ހައްދައިދެއެވެ. ލައިސަންސް ހެއްދުމަށްޓަކައި ފުރަތަމަ ފޮނުވާލަން ޖެހޭނީ އެއާ ގުޅޭ ކަރުދާސްތަކާއި ބޭނުންވާ ކެޓަގަރީއެވެ. އެއަށްފަހު ފައިސާ ދެއްކުމުން ހަތަރު ދުވަހުގެ ތެރޭ ލައިސަންސް ލިބޭނެ ކަމަށް ޓެލެގްރާމް ޗެނަލަކުން ކުރި އިޝްތިހާރެއްގައި ވެއެވެ.

އެ އިޝްތިހާރުގައި އިތުރަށް ބުނީ، އެ ލައިސަންސަކީ ސައްހަ ލައިސަންސެއް ކަމަށް، ފުލުހުންގެ ސިސްޓަމްތަކުން ވެސް ދައްކާނެ ކަމަށެވެ.

އަގު ނަގައިގެން ވަގު ލައިސަންސް ހައްދައިދޭނެ ކަމަށް ބުނެފައިވާ އިޝްތިހާރު ---

އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަމަދު އަބްދުލްޣަނީ "ދަ ޕްރެސް" އަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ވަގު ލައިސަންސް ހެއްދުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ލައިސަންސް އަސްލާ އެއްގޮތަށް ފޯޖްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވެއެވެ.

"އެއީ ޑްރައިވިން އަށް ދާ ހުރިހާ ފަރާތެއް ވީޑިއޯ ކެމެރާ އިން ވެރިފައިކޮށް، ދެން އަދި ލައިސަންސް އެޕްރޫވްކުރާ ހާލަތްތަކުގައި ވީޑިއޯތަކާ ކްރޮސްޗެކް ކުރާތީވެ، ދެން އަޅުގަނޑުމެންގެ ސިސްޓަމަކީ އެހެން ހުރިހާ ރަށްރަށްތަކަކާ ވެސް ގުޅިފައިވާ ސިސްޓަމެއް ވީމަ ސިސްޓަމް ތެރެއިން ކުރާ ކަމެއް [އެއީ]. [އެހެންކަމުން] ފޯޖް ކުރެވުމުގެ ފުރުސަތު އެބައޮތް،" ހަމަދު ވިދާޅުވިއެވެ.

މިކަމުގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިނިސްޓްރީން ރަޖިސްޓްރީކޮށްދޭ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ނަންބަރު އާންމުކުރަން ނިންމައިފައެވެ. މިނިސްޓްރީން އެގޮތަށް ނިންމައި އިއުލާނުކޮށްފައި ވަނީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކޮށްފައިވާ ކަންކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި މައްސަަލައެއް ބަލަން ފަށާފައި ވަނިކޮށެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި އެ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ހިމެނޭހެން ހަ މީހަކަށް ދައުވާކުރަން ވެސް އޭސީސީ އަށް އޭރު ފޮނުވާފައިވެއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.