ރާއްޖޭން ދޫކުރާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުގެ ފަރާތުން ވެސް ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީ ކާ ޝިއޯން އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެ ގައުމުތަކުން ދޫކުރާ ސައްހަ ލައިސަންސް ބޭނުންކޮށް، ދެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް، އަދި ރާއްޖޭގައި ދިރިއުޅޭ މެލޭޝިއާގެ ރައްޔިތުންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަވެގެން ދާނެއެވެ.

މެލޭޝިއާ އަކީ ދިވެހިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ގިނަ އާއިލާތަކުން މެލޭޝިއާ އަށް ދާއިރު، އެ ގައުމުގައި ދިވެހި ގިނަ ދަރިވަރުން މަތީ ތައުލީމް ހާސިލްކުރަމުން ދެއެވެ. މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ގާއިމްކުރެވިގެން ދިޔައީ 1968 ގައެވެ.