ދަރުބާރުގޭގެ ދެކުނު ފަޅީގައި ޕާކު ކޮށްފައި އޮތް ވޭނެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ވޭނުގައި އަލިފާން ރޯވެގެން ރިޕޯޓު ކޮށްފައިވަނީ 10:31 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

މި ހާދިސާ ހިނގިތާ ދިހަ މިނެޓުގެ ތެރޭ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށާއި، އަލިފާން ރޯވި ވެހިކަލްގެ އިތުރުން އެއްވެސް ވެހިކަލް އަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ދަރުބާރުގޭ ސަރަހައްދުގައި ޕާކު ކޮށްފައި އޮއްވާ އަލިފާން ރޯވި ވޭނަށް ލިބުނު ބައެއް ގެއްލުން --- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ވޭނުގައި އަލިފާން ރޯވުމަށް މެދުވެރިވީ ވޭނުގެ ޑޭޝްބޯޑު މަތީގައި ބަހައްޓާފައި ހުރި ޕަވާ ބޭންކުތަކެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.