ގ.ފުންފަޅުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވީ މިރޭ 22:49 ހާއިރު އެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާއިރު ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެއްވެސް ކަމާ ގުޅުންހުރި އިދާރާއަކުން ހާމަކޮށްފައި ނުވި ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރު ކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށް ރެޑް ކްރެސެންޓާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އިވޭކުއޭޝަން ސެންޓަރުގައި 58 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ކުޑަ 4 ކުދިން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
