ގ. ފުންފަޅު ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 10:49 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ގަޑިއެއްހާއިރު ފަހުން، ރޭ 11:48 ހާއިރުއެވެ.

އަލިފާން ރޯވީ އެ ގޭގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. މި ހާދިސާގައި ރޯވި އެޕާޓްމަންޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކޮޓަރީގެ ބަންކު ބެޑާއި، ގޮދަނޑިތަކާއި، ފޮތްތަކާއި އަލަމާރި ފަދަ ތަކެތި ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. މީގެއިތުރުން، މުޅި އިމާރާތުގެ ފެންވައިަރިންއަށް ގެއްލުންވެ، ހުރިހާ އެޕާޓްމަންޓަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަލޮޅު މަދަރުސާގައި ވަގުތީ އިވެކުއޭޝަން ސެންޓަރެއް ގާއިމުކުރެވުނެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި އެ ސެންޓަރު މެދުވެރިކޮށް 24 ފިރިހެނުންނާއި، 30 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އޭގެ ތެރެއިން 25 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިންއިރު، އޭޑީކޭ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާދީފައިވެއެވެ. އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި 6 މަހުގެ ކުޑަކުއްޖަކު ވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓްމަންޓަކާއި، ފެން ނުލިބުމުގެ ސަބަބުން ދިރިނޫޅެވޭ ހާލަތަށް ދިޔަ އެޕާޓްމަންޓުތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް، މިވަގުތު ވަގުތީ ހިޔާގައި އެއްވެސް މީހަކު ބަހައްޓާފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ކުރަމުން އަންނައިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.