ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން އާންމު ކުރައްވާފައިވާ މެސެޖުތަކެއްގެ މައްސަލަ ބަލައިދިނުމަށް އެދި، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި ޑީޖޭއޭ އަށް ނާޒިމް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހައިކޯޓުގެ އިދާރީ ބޭފުޅަކަށް އޭނާ ކުރެއްވި ކަމަށް ބުނާ މެސެޖުތަކެއް ޝުޖާއު ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައި ވަނިކޮށެވެ.

އެހެންވެ އެ މައްސަލަ ބަލައިދިނުމަށް އެދި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ އަށް ނާޒިމް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ނާޒިމް ފޮނުއްވި ކަމަށް ބުނާ މެސެޖުގައި އޮތީ އޭނާ ވަކާލާތު ކުރައްވާ މައްސަލައިގެ އިސްތިއުނާފު ދެ ދުވަހެއްގެ ތެރޭ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ މައްސަލަ ފަނޑިޔާރު ޝަހީދު ނުވަތަ ފަނޑިޔާރު ފައިސަލަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެއާއެކު މައްސަލަތަކަށް ނުފޫޒު ފޯރުވަން ނާޒިމް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާ، ޝުޖާއު ވަނީ އެ މެސެޖުތަކުގެ ސްކްރީންޝޮޓުތައް އާންމު ކުރައްވާފައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ ގޮތުގައި ހުންނަވަނިކޮށް ޝުޖާއުގެ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު، އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ފަނޑިޔާރުންގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.