ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުން މާދަމާވެސް ކުރިއަށްދާނެ ކަމަށް ޑިޕާޓްމެން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުވެސް ރިކޯޑު ސާފު ކުރުމުގެ ހިދުމަތް ދީފައިވާނެ ކަމަށާއި އަދި މާދަންވެސް އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށް އެ ހިދުމަތް އެ ޑިޕާޓްމެންޓްގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފައެވެ.

އަދި އާންމުކޮށް ރެކޯޑު ސާފުކުރުމަށް ހިނގާ މުއްދަތުގެ ބަދަލުގައި ރިޔާސީ އިންތިހާބަށް ފޯމް ހުށަހަޅަންޖެހޭ މުއްދަތަށް ރިއާޔަތްކޮށް ރެކޯޑު ސާފު ކުރުމުގެ ހިދުމަތް މިހާރު ދެމުންދާތީ މަދުވެގެން 48 ގަޑިއިރު ބޭނުންވާތީ ވަގުތު އޮއްވާ ރެކޯޑު ސާފުކުރުމަށް ހުށަހެޅުމަށް ވެސް އެ ޑިޕާޓްމެންޓުން ވަނީ އެދިފައެވެ. މިގޮތަށް އެދިފައިވަނީ އިންތިހާބުގައި ވާދަ ކުރުމަށް ބާކީ 3 ދުވަސް އޮތުމާއެކުއެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 7 ޝަރުތެއް ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެއެވެ. މި ގޮތުން ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި މަންމައަކާ ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމުގެ އިތުރުން އުމުރުން ތިރީސް ފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައު ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމާ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްކޮށްފައިވާ މީހަަކަށް ވާންޖެހެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ. އެހެން ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ މީހެއް ނަމަ އެ މީހަކަށް ތާއީދު ކުރާ 18 އަހަރުން މަތީގެ 1،500 މީހުންގެ ނަމާއި އެޑްރެސް އަދި ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އެއްލައްކަ ރުފިޔާގެ ޑިޕޮސިޓެއް ދައްކަންޖެހެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.