ދައުލަތުގެ އިދާރާތަކުން ކަންކަން ރަނގަޅުކުރުމަށް ގެންނަ ބަދަލުތައް ބަލައި، ޝަރުއީ ދާއިރާއިން ވެސް އެ ބަދަލުތަކާ އެއްވަރަށް ބަދަލުވާން ޖެހޭނެ ކަމަށް، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ޝަރުއީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށް ބާއްވާ 'ކަފި 2024' ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި ގެނައި ބަދަލުތައް ބަލައި ޝަރުއީ ދާއިރާއިން ވެސް އެ ބަދަލުތަކާ އެއްވަރަށް ބަދަލުވާން ޖެހޭ ކަމަށާއި، ކޯޓުތަކުގެ އިދާރީ އިންތިޒާމުތަކާއި ވަޒީފާގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދެކެވެން ވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމަކީ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތެއް ކަމަށާއި، އިދާރީ މުވައްޒަފުންގެ އެހީތެރިކަމާ ނުލައި، އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތް ފަނޑިޔާރުންނަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ޝަރުއީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށް، އއ. އުކުޅަހުގައި އިއްޔެ ފެށި 'ކަފި 2024' ކޮންފަރެންސް މިއަދުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޮންފަރެންސްގައި ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދަންފަޅިތައް ނަގައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވަނީ ޝަރުއީ ދާއިރާއަށް ތައާރަފްކުރެވޭ ޖުޑީޝަރީ ގެޒެޓު ތައާރަފްކޮށްފައެވެ.