ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ކޮމިޝަން ފޯ ސައުތް އޭޝިއާ ގެ ރިޔާސަތަށް ދިވެހިރާއްޖެ ދެވަނަ ދައުރަކަށް ހޮވިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ ސައުތު އޭޝިއާގެ (ސީއެސްއޭ) 58 ވަނަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސްޓެޗުއަޓަރީ އޯގަންސް އަދި ސަބްސިޑަރީ ބޮޑީސްއަށް ގައުމުތައް ހޮވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި ޖެނެރަލް އެސެމްބްލީގެ ވައިސްޕްރެޒިޑެންޓްގެ މަގާމަށް އިންޑިއާ އަދި ކްރެޑެންޝިއަލް ކޮމިޓީއަށް ބޫޓާން ހޮވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސައުތް އޭޝިއާއަށް ކަނޑައަޅާފައިވާ އެގްޒެކެޓިވް ކައުންސިލްގެ 2 ގޮނޑިއަށް އީރާން އަދި އިންޑިޔާ ހޮވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރިޔާސަތު ބެލެހެއްޓެވި އެބައްދަލުވުމުގައި ސައުތު އޭޝިއާގެ 7 ގައުމަކުން 25 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.

އެބައްދަލުވުމުގައި ރީޖަނަލް ކޮމިޝަން ފޯ ސައުތު އޭޝިއާގެ ރިޔާސަތަށް ދެވަނަ ދައުރަކަށް ދިވެހިރާއްޖެ އިންތިހާބުކޮށް، ވައިސް ޗެއާގެ މަގާމަށް ބަންގްލަދޭޝް އަދި އިރާން އައްޔަނު ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.