ފުޅާ ދާއިރާއެއްގައި މަތީތައުލީމު ދޭ ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ޝަރީފް މިއަދު އެމްއެންޕީ އާ ގުޅިވަޑައިގެން ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ އެއް ފައުންޑިން މެންބަރު މުހައްމަދު ނާޒިމެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށްޓެވީ މިދިޔަ ޖުލައި 15 ގައެވެ. އަދި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެމްއެންޕީ އަށް ގިނަ ބަޔަކު ސޮއި ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ ސައްހަ 3000 މެމްބަރުންގެ ސޮޔާ އެކުގައެވެ.

އެމްއެންޕީ މާދަމާ ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު ޕާޓީއަށް މެމްބަރުން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެމްއެންޕީ އުފެއްދުމުގައި ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހިމެނެއެވެ.

ނާޒިމް އާއި ރިޔާޒް އެމްއެންޕީ އުފައްދެވުމުގެ މަސައްކަތް ފެއްޓެވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާން ކުރައްވާފައެވެ.